Tuesday, November 17, 2015

ޒަމާނީ ސްކޫލް/ ކުލާސްރޫމް މެނޭޖްމަންޓް ޓެކްނޮލޮޖީ



ރަޒީނާ އަލީ

18.11.2015




ފެށުން

ޒަމާނީ ސްކޫލް

ޒަމާނީ ސްކޫލެކޭ މިކިޔެނީ ދަރިވަރުންގެ އުނގެނުމާއި އެދަރިވަރުންނަށް ބޭނުންވާ އެންމެހާ ވަސީލަތްތައް އެއްތަނަކުން އެންމެ އެކަށީގެންވާ ގޮތެއްގައި ލިބެންހުންނަ، ހުރިހާ ފެންވަރެއްގެ ދަރިވަރުންނަށްވެސް ކިޔެވުމުގެ ފުރުސަތު ލިބިދޭ ތަނަކަށެވެ. މިގޮތުން "މުދައްރިސުންނަށްވުރެ ބޮޑަށް ދަރިވަރުންގެ ބައިވެރިވުން މުހިއްމު، ދަރިވަރުން އަމިއްލައަށް އެކުދިންގެ ކިޔެވުމުގެ ޒިންމާނަގާ، ހުރިހާ ފެންވަރެއްގެ ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ލިބޭ، ރީތި އާދަތަކާއި ގަވާއިދުތައް ކުދިންނަށް އުނގަންނައިދޭ ދަރިވަރުންގެ ތައުލީމީ ފެންވަރު ވަޒަންކޮށް އިތުރަށް އެހީތެރިކަން ބޭނުންވަނީ ކޮންކަންކަމެއްގައިތޫ ބެލުމާއި ޒަމާނީ މުހިއްމު ޓެކްނޮލޮޖީ ކުލާސްރޫމް ޓީޗިންގައި ބޭނުން ކުރުމަކީ ޒަމާނީ ކުލާސްރޫމެއް ނުވަތަ ސްކޫލެއްގައި ހުންނާނެ ބައެއް މުހިއްމު ސިފަތަކެވެ"(އާދަން ޝަރީފް،2005).
މިޒަމާނުގެ މިމުޖުތަމައުގައި ޒަމާނީ ސްކޫލުތަކުގައި އެންމެ އިސްކަމެއްދީގެން ބަލާނެ އެންމެ މުހިއްމު އެއްކަމަކީ ދަރިވަރުންނަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ފޯރުކޮށްދިނުމެވެ.
އިންޓަނެޓާއި ވެބްސައިޓްތަކާއި ސްމާރޓް ބޯޑާއި ޕްރޮޖެކްޓަރތަކާއި ކޮމްޕިއުޓރ ސިސްޓަމްތަކަކީ ޒަމާނީ ކުލާސްރޫމްތަކުން ފެންނާނެ ޓެކްނޮލޮޖީގެ ބާވަތްތަކެވެ. މިއީ ޒަމާނީ ސްކޫލުތަކާއި ކުލާސްރޫމްތަކުގައި ކުލާސްރޫމް މެނޭޖްކުރުމުގައި ބޭނުންކުރަން ވަރަށް އެކަށީގެންވާ ވަސީލަތްތަކެކެވެ.

މައިގަނޑު

ޒަމާނީ ސްކޫލުގައި ހުންނާނެ ބައެއް ސިފަތައް

·        ދަރިވަރުންގެ ބައިވެރިވުން
މިފަދަ ކުލާސްރޫމްތަކުގައި ދަރިވަރުގެ ކިޔެވުމާއި އުނގެނުމުގައި އެދަރިވަރުގެ އަމިއްލަ ރޯލު ވަރަށް މުހިއްމެވެ. މުދައްރިސްގެ ދައުރު ކުޑަވެފައި އެބައިމިހުންނަކީ ދަރިވަރުންގެ މަސައްކަތްތައް ބަލައި މަދުމަދުން ހިޔާލުދޭ ބައެއްކަމުގައި ވެދެއެވެ. ދަރިވަރުންނަށް ފިލާވަޅުތައް ލެކްޗަރ އެއްގެ ގޮތުގައި ދިނުމުގެ ބަދަލުގައި ދަރިވަރުންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތިބޭ ބައެއްގެ ގޮތުގައި މުދައްރިސުން ފާހަގަކުރެވެއެވެ. ދަރިވަރުންގެ ވިސްނުން ތަރައްގީ ކުރުމުގެ ގޮތުން އެކުދިންނަށް ހަވާލުކުރެވޭ މަސައްކަތްތަކަކީ ކަންކަން ބަލައި ހޯދާ ދިރާސާކޮށްގެން ކުރެވޭ މަސައްކަތްތަކަކަށް ހަދައެވެ. ފިލާވަޅާއި ގުޅޭގޮތުން އާހޯދުންތައް ހޯދުމަށް ކޮންމެ ދަރިވަރަކަށްވެސް ފުރުސަތު ހުޅުވާލާފައިވެއެވެ. ކޮންމެ ދަރިވަރަކީވެސް އުނގެނުމުގައި ތަފާތު ކުއްޖަކަށްވުމުގެ ސަބަބުން މިފަދަ މާހައުލެއްގައި ކޮންމެ ދަރިވަރަކަށްވެސް މިފުރުސަތުތައް ލިބިގެންދެއެވެ.
·        ކޮންޕިއުޓަރ ޑިވައިސް
ކޮންޕިއުޓަރ އަކީ ޒަމާނީ ކުލާސްރޫމެއްގައި ވަރަށްވެސް މުހިއްމު ރޯލެއް އަދާކުރާ އެއްޗެކެވެ. މި އާލާތަކީ ކިޔަވައިދިނުމާއި އުނގަންނައި ދިނުމަށް ކޮންމެހެނެވެސް ލާޒިމް އެއްޗަކަށް ވުމަކީ މިވަސީލަތުގެ ބޭނުންތެރިކަމުގެ ހެއްކެކެވެ. މީގެ އެހީގައި ދަރިވަރުންގެ ރިސާޗުތައް ހެދުމާއި އެހެނިހެން ދަރިވަރުންގެ ބޭނުންތައް ފުއްދުމުގެ އިތުރުން މިވަސީލަތަކީ މުދައްރިސަށް ފިލާވަޅު އެދެވޭގޮތުގައި ކުލާސްރޫމެއްގައި ގެންދިއުމުގެ ފުރުސަތު ފަހިކޮސްދޭ އެއް މަގެވެ. ކޮންޕިއުޓަރ ފަދަ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ދަރިވަރުންނަށް ފިލާވަޅުތައް ނަގައިދެވުމުން މުދައްރިސްގެ ކިޔަވައިދިނުމާއި ދަރިވަރުންގެ އުނގެނުން ކުރިއަށްދާނީ ވަރަށް އެދެވޭ ގޮތެއްގައެވެ.
·        އިންވިޓޭޝަނަލް މާހައުލެއް
މިސިފަ ކުލާސްރޫމެއްގައި އަޝަގަންނުވަން ބޭނުންނަމަ ކުލާސްރޫމަކީ ސާފުތާހިރު އަދި މާކުދިން ގިނަ ތަނަކަށް ވެގެންނުވާނެއެވެ. އަދި ހަމަ އެހެންމެ އެންމެ އާދައިގެ މެޓީރިއަލް މިސާލަކަށް ވައިޓް ބޯރޑް އަދި އެލް ސީ ޑީ ޕްރޮޖެކްޓަރ ހިމެނެއެވެ. އަދި މިފަދަ ކުލާސްރޫމް ތަކުގައި ދަރިވަރުންނަށް ލެޕްޓޮޕް އަދި ޓެބްލެޓް ފަދަ ތަކެތި ގެނައުމުގެ ފުރުސަތު އޮންނާނެއެވެ. މިއީ ދަރިވަރުގެ އަމިއްލަ އުނގެނުމަށް އެދަރިވަރުގެ އަމިއްލަ ތަކެތި ބޭނުންކޮށްގެން މަސައްކަތްކުރުމަށް ދެވޭ ވަރަށްވެސް މުހިއްމު ފުރުސަތެކެވެ. ތަފާތު ޓެކްނޮލޮޛި ބޭނުންކުރުމުން ދަރިވަރުންނަށް ފައިދާ ބޮޑުވެ، ދަރިވަރުގެ ޝައުގުވެރިކަން ގިނަ ވަގުތު ހިފެހެއްޓޭގޮތްވެއެވެ. މިހެންވުމުން މުދައްރިސަށް މަސައްކަތްތައް ކުރިއަށްގެންދިއުމަށް ފަސޭހަވުމުގެ އިތުރުން ދަރިވަރުން ގެ އަމާޒަކީ ދަސްކުރުން ކަމަށް ވެއެވެ.
·        ކުދިން އަމިއްލައަށް ކިޔެވުމުގައި ޒިންމާ ނެގުން
މިފަދަ ކުލާސްރޫމެއްގައި ދަރިވަރުންނަށް ބާރުއަޅާނީ އެކުދިންގެ ކިޔެވުމުގެ ކަންކަމުގައި މުދައްރިސަށްވުރެ ބޮޑަށް ހަރަކާތްތެރިވެ ހުރިހާ ޒިންމާއެއް ދަރިވަރު ނެގުމަށެވެ. ދަރިވަރުން އެއްކުއްޖަކު އަނެއްއްކުއްޖަކަށް އެހީތެރިވުމުގެ އިތުރުން މުދައްރިސާއެކު މަސައްކަތްކުރާނީ ކަނޑައެޅިފައިވާ މަގްސަދު ނުވަތަ ނަތީޖާއާ ހަމައަށް ވާސިލްވުމަށެވެ. މުދައްރިސްގެ މަސައްކަތަކީ ދަރިވަރުން ޒިންމާދާރު ކުރުމަށް ބޭނުންކުރެވިދާނެ އުކުޅުތަކެއް ތައާރަފްކުރުމެވެ.

·         އިހްތިރާމް ކުރުން
ޒަމާނީ ކުލާސްރޫމެއް ޒަމާނީ ވަނީ ޒަމާނާ އެއްގޮތައް އަންނަ ބަދަލުތައް ކުލާސް ރޫމުތެރެއިން ފެނުމެވެ. ނަމަވެސް ޒަމާނާ އެއްގޮތަށް ކުދިންގެ އަހްލާގަށް އަންނަ ނޭދެވޭ ބަދަލުތައް ކުލާސްރޫމުން ފެނުމަކީ ކުލާސްރޫމް ޒަމާނީ ވުމޭ ނުބުނެވޭނެއެވެ. މުދައްރިސާއި ދަރިވަރު އބަދުވެސް އެކަކު އަނެކަކަށް އިހްތިރާން ކުރަންވާނެއެވެ. ޒަމާނީކުލާސްރޫމްތަކުގައި މުދައްރިސް އަބަދު ކައިރީގައި ދަރިވަރުންނަށް ހިދުމަތްކޮށްދެން ނެތްކަމުގައިވިޔަސް ދަރިވަރުންނަށް ގައިޑްކޮށްދޭބަޔަކީ އެއީ ކަމަށްވުމާއެކު އަބަދުވެސް މުދައްރިސުންގެ އަގު ވަޒަން ކުރަންޖެހޭނެއެވެ.
·        ކުދިންނަށް ސްކޫލް، ކުލާސްރޫމް ގަވާއިދުތައް އެނގުމާއި ސްކޫލްގެ ކަންކަން ކުރިއަށްދާގޮތް އެނގުން
ދަރިވަރުން އުނގެނޭ މާހައުލަކީ ފަރުވާތެރިކަމާއެކު ރަނގޅަށް ރާވާލެވިގެން ކުރިއަށް ގެންދެވޭ އޮގަނައިޒް ކޮށްގެން ކުރިއަށް ގެންދެވޭ ކަމަކަށް ވާންވާނެއވެ. ކޫލާސްރޫމް ގަވާއިދުތަކާއި ސްކޫލުގައި އަދި ކުލާސްރޫމުގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ މަސައްކަތްތަކާއި ޕުރޮގުރާމުތައް ކުލާސްރޫމުން ހުރިހާ ކުދިންނަށް އެނގެން ހުންނަން ވާނެއެވެ. މުދައްރިސުން ދަރިވަރުންގެ ފަރާތުން އުއްމީދުކުރާ ލަނޑުދަނޑުތައް ކުދިންނަށް އެނގެންވާނެއެވެ.
·        ހުރިހާ ފެންވަރެއްގެ ކުދިންނަށް ފުރުސަތު ދިނުން
ކޮންމެ ކުލާސްރޫމެއްގައިވެސް ތަފާތު ފެންވަރުގެ ތަފާތު ގޮތްގޮތައް އުނގެނޭ ކުދިންތިބޭނެއެވެ. ބައެއް ދަރިވަރުން އަޑުއަހައިގެންނާއި ބަލައިގެން ދަސްކުރާއި އަނެއްބައި ދަރިވަރުން ދަސްކުރާނީ އަތްލައިގެންނާއި ކުރާ ތަފާތު ތަޖުރިބާތަކުންނެވެ. ޒަމާނީ ކުލާސްރޫމެއްގައި މިފަދަ ތަފާތުފެންވަރުގެ ކުދިންނަށް ވެސް ފުރުސަތުތައް ހުޅުވާލެވިފައިވާނެއެވެ. އެކުދިންނަށް ފަސޭހަ ގޮތަކަށް އުނގެނުމުގެ ފުރުސަތު ލިއްބައިދެއެވެ. ތަފާތު ސޮފްޓްވެއަރތަކާއި ތަފާތު ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން ކޮންމެ ދަރިވަރަކީވެސް މުޖުތަމައުގައި ބޭނުންހިފޭ ޤާބިލް ދަރިވަރަކަށް ހަދަން މަސައްކަތްތަކެއް ކުރެވެއެވެ.
·        ދަސްކޮށްދިނުމުގެ ގޮތުން އެސެސްކުރުން
އެސެސްމެންޓް ފޯ ލަރނިންއަކީ ދަރިވަރުންނަށް ދަސްވީ މިންވަރާއި އިތުރަށް ދަރިވަރުން ދަސްކުރަންވީ އެއްޗިއްސާއި އެދަސްކުމަށް އިތުރަށް ކުރެވިދާނެ ކަންކަން މުދައްރިސަށާއި ދަރިވަރު އަދި ބެލެނިވެރިޔާއަށްވެސް ހިއްސާކުރެވޭ އެސެސްކުރުމުގެ ވައްތަރެކެވެ. ކުއްޖާއަށް ގުރޭޑްތަކެއް ދިނުމުގެ ބަދަލުގައި ޒަމާނީ ކުލާސްރޫމެއްގައި އބަދުވެސް ބަލާނީ ދަރިވަރުގެ ކުރިއެރުމަށް ކުރެވިދާނެ އިތުރު ކަންކަން ބަލާ ހޯދައި އެކަންކަން ކުލާސްރޫމުގައި އެޕްލައިކުރުމަށެވެ.

ކުލާސްރޫމް މެނޭޖްމަންޓް

ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ މަދުރަސީ ހަޔާތުގައި ތަފާތުގިނަ ތަޖުރިބާތަކެއް ކުރާނެއެވެ. ހަމަ އެގޮތަށް މުދައްރިސުންނަކީ އެކަމުގައި އަމަލީގޮތުން ހަރަކާތްތެރިވާ ފަރާތްކަމުން މުދައްރިސުންނަށް ތަފާތު ހާލަތްތަކުގައި ތަފާތު ތަޖުރިބާތަކާއި އަދި އުނދަގޫތަކާއި ކުރިމަތިލާނެކަން ކަށަވަރެވެ. މުދައްރިސުންނަކީ ދަރިވަރުގެ ތައުލީމާއި އެކުދިންގެ އުޅުމާއި އަހްލާގު ބައްޓަންކުރުމުގައި މުހިއްމު ރޯލެއް އަދާކުރާބައެކެވެ. މިގޮތުން ދަރިވަރުންނަށް ކިޔަވައިދިނުމުގައި މައްސަލަތަކާއި ކުރިމަތިނުވާނެހެން ކުލާސްރޫމް މެނޭޖްކުރުމަކީ މުދައްރިސުން އަހައްމިއްޔަތުކަމެއް ދީގެން ކުރާކަމެކެވެ. މިކަމަށް އެހީތެރިވެދޭ އެންމެ ގާތް އެހީތެރިއަކީ ޓެކްނޮލޮޖީއެވެ.

ޓެކްނޮލޮޖީގެ އެހީގައި ކުލާސްރޫމް މެނޭޖްކުރެވިދާނެ ބައެއްގޮތްތައް

·        ޓީޗަރ ވިޝަން- ޓީޗަރ ވިޝަންއަކީ ކުލާސްރޫމް މާހައުލު ދަރިވަރުންނަށް ކަމުދާ މަޖާ މާހައުލަކަށް ހަދައި ކުލާސްރޫމް މެނޭޖްލުރުމަށް ބޭނުންކުރެވިދާނެ ވެބްސައިޓްތަކެކެވެ. މީގެ ސަބަބުން މުދައްރިސް ކިޔަވއިދޭން އުޅޭ މާއްދާއާއި ފިލާވަޅާއި ގުޅޭ ތަފާތު މަސައްކަތްތައް މި ވެބްސައިޓްގެ ޒަރިއްޔާއިން ހޯދޭނެއެވެ. ފިލާވަޅު ކުރިއަށް ގެންދިމަށް ބޭނުންކުރެވިދާނެ ތަފާތު ތަކެއްޗާއި ޕްލޭން ކުރެވިފައިވާ ލެސަންތައް ހިމެނެއެވެ.އަދި މީގެތެރޭގައި ތަފާތު ލެސަންތަކުގައި ބޭނުންކުރެވޭނެ ވީޑިޔޯ އާއި ފޮޓޯ ފަސޭހަކަމާއެކު ހޯދޭނެއެވެ. މިފަދ އެއްޗެހި ކުލާސްރޫމް ޓީޗިންގައި ބޭނުންކުރުމުން ދަރިވަރުންގެ ޝައުގުވެރިން އިތުރުވެ ދަރިވަރުން ބަސްއަހައިގެން ކުލާހުގައި މަސައްކަތްކުރުމުގެ ފުރުސަތު ބޮޑުވާނެއެވެ.

·        ސްމާރޓް ސީޓް- ސްމާރޓް ސީޓްއަކީ ކުލާސްރޫމް މެނޭޖްކުރުމަށް ބޭނުންކުރެވިދާނެ އައިޕެޑް އެޕް އެކެވެ. "މީގެ އެހީގައި މުދައްރިސަށް ކުލާސްރޫމް ކުރަހާލެވި ދަރިވަރުގެ ފޮޓޯއާއި އެކު އެދަރިވަރުން ކުލާހުގައި އިންނަ ތަން ދައްކުވައިދޭނެއެވެ"(ތޮމްސަން،1987). މީގެ ސަބަބުން ކުލާހުގައި ދަރިވަރު އިންނަ ދިމާ މުދައްރިސްގެ ހަނދާނުގައި ހުރެ ދަރިވަރުގެ ހާޒިރީ ބެލުމާއި ދަރިވަރާބެހޭތަފާތު ކަންކަން ނިންމުމަށް ފަސޭހަވެއެވެ.


·        ސްމާރޓް ޓީޗަރ- ސްމާރޓް ޓީޗަރއަކީ ކުލާސްރޫމުގެ ކަންތައްތައް ސްމާރޓްކޮށް ގެންދިމުށް ބޭނުންކުރެވިދާނެ އެންޑްރޮއިޑް އެޕް އެކެވެ. މި އެޕްގެ އެހީގައި ދަރިވަރުގެ ރިޕޯޓް ހެދުމާއި ކަރިކިއުލަމް ހެދުމާއި ދަރިވަރުންގެ ފެންވަރު ވަޒަންކުރެވޭނެއެވެ.


ނިންމުން


ޒަމާނީ ސްކޫލަކީ މިޒަމާނުގެ ތަފާތު ޓެކްނޮލޮޖީއާއި ތަފާތު މޮޅު އުކުޅުތައް ބޭނުންކޮށްގެން ދަރިވަރުންނަށް ކިޔަވައިދިނުމާއި އެކުދިންގެ އެހެނިހެން މުހިއްމު ކަންކަމުގައި ފަސޭހަ ގޮތްތަކެއް ބޭނުންކޮށްގެން ކިޔަވއިދޭ ތަންތަނެވެ. މިފަދަ ސްކޫލުތަކަކީ ދަރިވަރުންގެ ކުރިއެރުމަށް ވިސްނައި މުދައްރިސުންނަށްވުރެ ބޮޑަށް ދަރިވަރުންގެ ބައިވެރިވުންލިބޭ،ދަރިވަރުން އެކުދިންގެ އުނގެނުމާމެދު އަމއްލައަށް ޒިންމާނަގާ ދަރިވަރުންނަށް އެކުދިންގެ އާންމު ދިރިއުޅުމުގައި ބޭނުންކުރާނެ ރީތި އާދަތަކާއި މުހިއްމު ގަވާއިދުތައް އަށަގަންނުވާ ހުރިހާ ފެންވަރެއްގެ ކުދިންނަށްވެސް ބައިވެރިވެވޭ ތަފާތު ފެންވަރުގެ ކުދިންނަށްވެސް ކިޔެވުމުގެ ފުރުސަތު ލިބޭ ތަންތަނެވެ. މިފަދަ ސްކޫލުތަކުގައި އެންމެ ހާއްސަކަމެއްދީގެން ކުލާސްރޫމްގެ ކަންކަމުގައި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމަށް ފުރުސަތު ދޭނެއެވެ. ހަމަ އެހެންމެ މުދައްރިސުން ކުލާސްރޫމް މެނޭޖްކުރުމަށް ތަފާތު ވީޑިޔޯއާއި ޕޮޓޯއަދި ލަވަޔާއި ސްމާރޓް ސީޓް ކަހަލަ އެޕްތައް ޓެކްނޮލޮޖީގެ ގޮތުގައި ވަރަށް ރަނަގޅަށް ބޭނުންކުރާކަމަށް ފާހަގަކުރެވެއެވެ.








ރިފަރެންސް



އާދަމް ޝަރީފް އުމަރު.(2005). ކްލާސްރޫމް އިންތިޒާމްކުރުން؛ދިވެހިރާއްޖޭގެ ތައުލީމުކުރިއަރުވާ މަރުކަޒު،މާލެ.
ތޮމްސަން ޖޭ.(1987). އަންޑްސްޓޭންޑިންގ ޓީނޭޖަރސް ރީޑިންގ އެންޑް ރައިޓިންގ. އޮސްޓްރޭލިޔާ.

13 comments:

  1. ވާއު..................ވަރަށް ކިޔާހިތްވި އާޓިކަލެއް. ހަމަޔަޤީނުންވެސް މިހާރު އުފާ ވެރި ކުލާސް ރޫމެއް އިންތިޒާމު ކޮށްލާކަށް އުނދަގުލެއް ނުވާނެ.

    ReplyDelete
  2. މައުލޫމާތުން ފުރިގެންވާ ކިޔާލަން ހިތްގައިމު. ލިޔުމެއް 😊

    ReplyDelete
  3. ماشاءالله! ވ.ރަނގަޅު މަސައްކަތެއް!މައުޟޫޢަށް ވަރަށް ފުންކޮށް ބައްލަވާލައްވާފައިވޭ، އަދި ލޭއައުޓްވެސް ވަރަށް ފުރިހަމަ އަދި އެހާމެރީތި! ކިޔަވާކުދިންނަށް މުހިއްމު މަޢުލޫމާތުތަކެއް ލިބޭނެ ލިޔުމެއްކަމަށް ޤަބޫލުކުރެވޭ، مرحبا!

    ReplyDelete
  4. ވަރަށްވެސް ފުރިހަމަ! ލިޔުމާއި ގުޅުވައިގެން ފޮޓޯ ލެވުނުނަމަ އާތިކަލް އިތުރަށް ފުރިހަމަ ކަމަށް ދައްކާނެއެވެ.

    ReplyDelete
  5. ވަރަަށް ފުރިހަމަ ލިޔުމެއް! ބުނާއެއްޗެއް ސިފަވާ ފޮޓޭއެއް ލުމާއި އިތުރު މަޢުލޫމާތު ހޯދައި ހިމަނާލިނަމަ، މިއަށްވުރެ ފުރިހަމަ ވީސް.

    ReplyDelete
  6. ވަރަށް މުއްސަނދި މައުލޫމާތު ހުރި ލިއުމެއް.

    ReplyDelete
  7. ވަރަށް އަގުހުރި މައުލޫމާތު ތަކެއް ލިބެއްޖެ

    ReplyDelete
  8. މައުލޫމާތުން ފުރިގެންވާ މޮޅު ލިޔުމެއ!

    ReplyDelete
  9. މިލިޔުން ކިޔާލުމުން ޓެކުނޮލޮޖީގެ އަލީގައި ކުލާސް މެނޭޖުކުރެވިދާނެ ބައެއް ގޮތްތައް އެގިގެން ހިގައްޖެއެވެ.

    ReplyDelete
  10. މިލިޔުން ކިޔާލުމުން ޓެކުނޮލޮޖީގެ އަލީގައި ކުލާސް މެނޭޖުކުރެވިދާނެ ބައެއް ގޮތްތައް އެގިގެން ހިގައްޖެއެވެ.

    ReplyDelete
  11. މަޢުލޫމާތު ފުރިހަމަ ލިޔުމެއް
    ފޮޓޯތައް ހިމެނިނަމަ އިތުރަށް ފުރިހަމަވީސް

    ReplyDelete
  12. ވަރަށް މައުލޫމާތު އެބަހުރި. ބައެއް އަރިމަތީ ސުރުޚީތައް ފާހަގަވާލެއް ކުޑަ. ބޮޑަށް ފަވާލިނަމަ ރަނގަޅުވީސް. ގުޅޭ ފޮޓޯ ހިމަނާލިނަމަ ލޮލަށް ރީތިވީސް.

    ReplyDelete