Wednesday, November 18, 2015

ލާރނިންގ މެނޭޖްމަންޓް ސިސްޓަމް

`

                   
                                       

    

ލާރނިންގ މެނޭޖްމަންޓް ސިސްޓަމް ( LMS )

ތަޢާރަފް :


ލާރނިންގ މެނޭޖްމަންޓް ސިސްޓަމް ( އެލް.އެމް.އެސް ) އަކީ އޮންލައިން ލޮކޭޝަނަކުން އިދާރީ ކަންކަންކުރުމާއި މަސައްކަތް ބެލެހެއްޓުމާއި ރިޕޯޓްކުރުން އަދި ކޯސްތައް ހިންގުމާއި ގަޑިތައްނަގައި ޓެސްޓް ހެދުމަށް އެހީތެރިވެދޭ ޓެކްނޮލޮޖިކަލް ސޮފްޓްވެއަރ އެކެވެ. މި ސިސްޓަމުގައި ވަކިކަހަލަ އުނގެނުމުގެ ކަންކަން ރާވައި ހިންގައި އަދި ބެލެހެއްޓުމުގެ ކަންކަން ކުރެވެއެވެ. ލާރނިންގ މެނޭޖްމަންޓް ސިސްޓަމެއްގައި އިރުޝާދު ދޭފަރާތަށް ( ޓީޗަރ ) ކިޔަވައިދޭން ބޭނުންވާއެތި އުފައްދައި ފޯރުކޮށް ދިނުމާއި، ކުދިންގެ ބައިވެރިވުން މޮނީޓަރ ކުރުމާއި، އެކުދިންގެ ( ނަތީޖާ ) ހޯދާ މިންވަރު ބެލެހެއްޓެއެވެ. ލާރނިންގ މެނޭޖްމަންޓް ސިސްޓަމަކުން ދަރިވަރުންނާ ގުޅިގެން މަސައްކަތްކުރުމުގެ ފުރުޞަޠު ލިބެއެވެ. މިސާލަކަށް، ވީޑިއޯ ކޮންފަރެންސިންއާއި، މަޝްވަރާ ފޯރަމްތައް ބޭއްވެއެވެ.


ލާރނިންގ މެނޭޖްމަންޓް ސިސްޓަމްގެ ތާރީޚު :

ލާރނިންގ މެނޭޖްމަންޓް ސިސްޓަމް ބޭނުންކުރުން ޢާންމުވެގެންއައީ ވަރަށްފަހުގެ ތާރީޚެއްގައެވެ. ނަމަވެސް ޙަޤީޤަތަކީ އެލް.އެމް.އެސް. ފުދޭވަރަކަށް ދުވަސްވަންދެން ވުޖޫދުގައި އޮތްކަމެވެ. ޖަސްޓިން ފެރިނަމްސް (2015) ހާމަކުރައްވާ ގޮތުގައި 2000 ގެ އަހަރުތަކުގައި އީ-ލާރނިންގ ފެށިގެން ދިއުމުގެ ސަބަބުން އެލް.އެމް.އެސް. އަށް ބޭނުންޖެހިގެން ދިޔައެވެ. ބުނެވޭގޮތުގައި އެލް.އެމް.އެސް. ގެ އުފެއްދުން 1960 އާއި ހަމައަށް ދެމިފައިވެއެވެ. އެހެންކަމުން އެއީ މިހާރުގެ އެލް.އެމް.އެސް ފެށުންކަމުގައި ފާހަގަކުރެވެއެވެ.

ލާރނިންގ މެނޭޖްމަންޓް ސިސްޓަމެއްގައި މަސައްކަތްކުރަނީ ކިހިނެތް :

ޑޭވިޑް ސްމިތް (2014) ހާމަކުރައްވާ ގޮތުގައި ލާރނިންގ މެނޭޖްމަންޓް ސިސްޓަމެއް (LMS) ދަސްކުރުމަށް ނުވަތަ އުނގެނުމަށް އެންމެ ރަނގަޅުގޮތަކީ ނުވަތަ ޚިޔާލުކުރަންވީ އެއީ ވަރަށްބޮޑު ވެބްސައިޓެއްކަމެވެ. އެ ވެބްސައިޓަކީ ލޮގިންގ އަކާއެކު ވަދެވޭ ވެބްސައިޓެކެވެ. މި ވެބްސައިޓް މެދުވެރިކޮށް ކުދިން ދެގޮތަކަށް ޢިލްމު އުނގެނެއެވެ. އެއްގޮތަކީ އޮންލައިންކޮށް އުނގެނުމެވެ. އަނެއްގޮތަކީ އެއްތަނަކަށް އެއްވެގެން އުނގެނުމެވެ. އޮންލައިންކޮށް ކިޔެވުމަކީ
ޑިސްޓެންސްކޮށް ތަޢުލީމް ޙާޞިލް ކުރުންކަހަލަ ކަމެކެވެ. އެހެންކަމުން ކިޔަވާކުދިން އެކިޔަވަމުންދާ މަރުކަޒަކާއި ދުރުގައި ޓީޗަރުން އަދި ދަރިވަރުންނާއި ބައްދަލުވެ މުޢާމަލާތްކޮށް ހަދާނީ އޮންލައިންކޮށެވެ. އެއްތަނަކަށް އެއްވެގެން ދަރިވަރުންނާއި ޓީޗަރުން ކިޔެވުން ކުރިއަށް ގެންދިޔަނަމަވެސް މިފަދަ ކުލާސްރޫމްގައިވެސް ލާރނިންގ މެނޭޖްމަންޓް ސިސްޓަމް (LMS) ބޭނުން ކުރެވޭކަމަށް ޑޭވިޑް ސްމިތް (2014) ހާމަކުރައްވައެވެ. ގެ ސަބަބުން ބޭނުންކުރާ މެޓީރިއަލް ރައްކާކޮށް އެސައިންގމެންޓްދީ އަދި ދަރިވަރުންނާއި ޓީޗަރުން ބައިވެރިވާ ބްލޮގްތަކާއި ފޯރަމްތައް ފަދަ ކިޔެވުމާއި ގުޅުންހުރި އެހެނިހެން ކަންކަންވެސް ކުރުމުގެ ފުރުޞަޠު ތަނަވަސް ވެއެވެ.
ލާރނިންގ މެނޭޖްމަންޓް ސިސްޓަމަކުން ފަސޭހަކަމާއެކު އުނގެނުމުގެ ކަންކަން ކޮންޕިއުޓަރާއި، ޓެބްލެޓް އަދި ސްމާރޓްފޯނު ބޭނުންކޮށްގެން ގެންދެވެއެވެ. މި ދެންނެވި ތަކެތީގެ
ތެރެއިންވެސް ޓެބްލެޓް އަދި ސްމާރޓްފޯނު ބޭނުންކުރާ މިންވަރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެހެނީ އޭގެ ސަބަބުން މޯބައިލް ލާރނިންގ ނުވަތަ ކޮންމެ ތަނެއްގައި ހުރެގެންވެސް އުނގެނުމުގެ މަސައްކަތްތައް ކުރިއަށް ގެންނެދެވެއެވެ. ލާރނިންގ މެނޭޖްމަންޓް ސިސްޓަމެއްގެ މައިގަނޑު މަޤުޞަދަކީ ދަރިވަރުންނަށް އުނގެނުން ފޯރުކޮށްދިނުން ކަމަށްވާއިރު އާންމުގޮތެއްގައި ތިންވައްތަރެއްގެ ލޮގިންވާކަމަށް ޑޭވިޑް ސްމިތް (2014) ހާމަކުރައްވަ އެވެ. އެލޮގިންތަކަކީ ؛

§       އެޑްމިންގ ލޮގިން
§       ޓީޗަރ ލޮގިން އަދި
§       ސްޓޫޑެންޓް ލޮގިން އެވެ.










އެޑްމިންގ ލޮގިންގ :

އެޑްމިންގ ލޮގިންއަކީ އިދާރީ މީހުންނަށް ޚާއްޞަ ކުރެވިފައިވާ ލޮގިން އެކެވެ. މިފަދަ ލޮގިން އަކުން ލޮގިންވީމާ އޭގައި ހިމެނޭ ބައިތަކާއި މީހުން އެތެރެކުރުމާއި، އުނިކުރުމާއި، ލާރނިންގ މެނޭޖްމަންޓް ސިސްޓަމްގެ ވަކި ބައިތަކަށް ވަނުމުގެ ހުއްދަ ބޭނުންކުރާ ފަރާތްތަކަށް ދިނުންފަދަ ކަންކަން ކުރެވެއެވެ.


ޓީޗަރ ލޮގިންގ :

 ޓީޗަރ ލޮގިން އިން ޓީޗަރު ދަރިވަރުންނަށް މަސައްކަތް ޙަވާލުކުރުމާއި، ދަރިވަރުން ނިންމާ ޓީޗަރާއި ޙަވާލުކުރެވޭ މަސައްކަތްތައް ބަލައިގަތުމާއި، ނަތީޖާ ދެއްކުމާއި، އިތުރު ކޯސްތައް ތައްޔާރުކުރުމުގެ ފުރުޞަތު ލިބެއެވެ.

ސްޓޫޑެންޓް ލޮގިންގ :

ދަރިވަރުންގެ ލޮގިން އިން ކޯސްތަކާއިބެހޭ މަޢުލޫމާތާއި، މަސައްކަތްތަކާއި، ރިސޯސްތަކަށް ލިންކްތައް ލިބެއެވެ. ޑޭވިޑް ސްމިތް (2014) ހާމަކުރައްވާ ގޮތުގައި އާއްމުގޮތެއްގައި މީގެތެރެއިން ދަރިވަރުން ޓީޗަރުންނާއި ނުވަތަ ކޯސްލީޑަރ/ ކޯސްކޯޑިނޭޓަރ އާއި ބައްދަލުކޮށް އުފެދޭ ސުވާލުތަކުގެ ޖަވާބު ހޯދެއެވެ. މީގެ އިތުރުން ދަރިވަރުންގެ ލޮގިނުން މަސައްކަތްތައް ސަބްމިޓްކުރުމަށް ފަސޭހަވެގެން ދެއެވެ. އަދި މި މަސައްކަތްތައް އެޑްމިން ލޮގިން ބޭނުންކޮށްގެން އެކޯހެއްގެ ޓީޗަރ ނުވަތަ ޓީޗަރުން ނަގައެވެ.

ލާރނިންގ މެނޭޖްމަންޓް ސިސްޓަމެއްގައި ހިމެނޭ ބައިތަކަކީ ކޮބާ؟

ޢާންމުގޮތެއްގައި ލާރނިންގ މެނޭޖްމަންޓް ސިސްޓަމްތައް އުފައްދާފައި ހުންނަނީ އެ އޯގަނައިޒޭޝަނެއްގެ ބޭނުމާއި މަޤުޞަދާއި އެއްގޮތަށެވެ. އެހެންނަމަވެސް މިހުރިހާ ސިސްޓަމް ތަކެއްގައިވެސް ޙިއްސާވަނީ އެއްކަހަލަ އެއްވައްތަރެއްގެ ބައިތަކެކެވެ.
ޑޭވިޑް ސްމިތް (2014) ހާމަކުރައްވާ ގޮތުގައި ލާރނިންގ މެނޭޖްމަންޓް ސިސްޓަމުގައި ހިމެނޭ އެންމެ މުހިންމުބަޔަކީ އިންޓާރނަލް މެސެޖިންގ ސިސްޓަމް  ނުވަތަ މެސެޖުން ވާހަކަ ދެއްކުމުގެ ނިޒާމެވެ. މި ސިސްޓަމް ތަޢާރަފްވުމުގެ ކުރީގައި ގިނަ ސްކޫލުތަކާއި ކޮލެޖްތައް އަދި ޔުނިވަރސިޓީތަކުގައި ބޭނުންކުރަމުންއައީ އިންޓާރނަލް މެއިލްއެކެވެ. މި ސިސްޓަމް ތަޢާރަފްވުމާއެކު މިކަންވަނީ އުވިގޮސްފައެވެ. މި ސިސްޓަމް ޤާއިމްވުމުން މެސެޖްކުރުމާއި، ކިޔެވުމާއި، އުނގެނުމާއި ގުޅުންހުރި ހުރިހާކަމެއް އެއްތަނަކުން ރައްކާތެރިކަމާއެކު ލިބެންފެށިއެވެ. މީގެ ސަބަބުން ތަޢުލީމީ ކަންކަމާއި ގުޅުންނެތް އެހެނިހެން ކަންތައްތައް މީގެ ތެރެއިން ނެތިގެން ދިޔައެވެ.
ލާރނިންގ މެނޭޖްމަންޓް ސިސްޓަމުގައި ހިމެނޭ އެހެންބައިތަކަށް ބަލާއިރު އެލް.އެމް.އެސް. ގެ ތެރޭގައި ކޯސްތައްރާވައި ހިންގުމާއި، އަމިއްލައަށް މާކުކުރެވޭ ކުއިޒްތަކާއި ޓެސްޓުތަކާއި، ދަރިވަރުންގެ މަސައްކަތްތައް އަދި އެމަސައްކަތްތައް މާކުކޮށް ޙަވާލުކުރުމުގެ ކަންކަންވެސް ކުރެވިގެންދެއެވެ. ކޯސްތައްރާވައި ހިންގުމަކީ ލާރނިންގ މެނޭޖްމަންޓް ސިސްޓަމުގެ މައިގަނޑު އެއްބައެވެ. ކޯސް އުފެއްދުމަކީ ދަރިވަރުންނަށް ދޭންޖެހޭ މަސައްކަތްތައް ހަދައި ޙަވާލުކުރުމާއި ދަރިވަރުންގެ ބައިވެރިވުމާއެކު ހިތްހަމަޖެހޭ އުފާވެރި މާޙައުލެއް އުފެއްދުމެވެ.
އެކޯހެއްގައި ކިޔަވައިދޭން ބެނުންވާ ކޮންޓެންޓް ނުވަތަ މެޓީރިއަލްތައް އެލް.އެމް.އެސް. ގެ ތެރެއަށް ލެވެއެވެ. ކޯސްތެރޭގައި ސީދާ ޑައިރެކްޓްކޮށް ޖަވާބުދެވޭފަދަ ސުވާލުތައް ދެވެއެވެ. އެއީ އަމިއްލައަށް މާކުކުރެވޭފަދަ ޓެސްޓްތައް ބޭނުންކުރާނަމައެވެ. ދަރިވަރުންގެ ޑާޓާ ނުވަތަ އެކުދިންގެ މަސައްކަތްތަކާއި، ބޭނުންކުރާ މެޓީރިއަލްތަކަކީ އެލް.އެމް.އެސް. އެންމެ މުހިންމު ބައެވެ. ދަރިވަރުންގެ މަޢުލޫމާތު ނުވަތަ ޑާޓާތައް ހުރުމުގެ ސަބަބުން ދަރިވަރުންނާއި ކޮންޓެންޓްކޮށް މަސައްކަތްތައް އެކި ކުލާސްތަކަށް ރޭވިދާނެއެވެ.

ލާރނިންގ މެނޭޖްމަންޓް ސިސްޓަމުގެ ބައެއް ގެއްލުންތައް :

ކޮންމެކަމެއްގައިވެސް ދެކޮޅުއޮންނަ ފަދައިން މި ސިސްޓަމުގައިވެސް ފައިދާއާއި، ގެއްލުން އޮންނާނެކަން ޔަގީނެވެ. އެގޮތުން މިކަމުގައި ފާހަގަކޮށްލެވޭ ބައެއް ގެއްލުންތަކަކީ، ހުރިހާ އެންމެންނަކީ ލާރނިންގ މެނޭޖްމަންޓް ސިސްޓަމަށް އަހުލުވެރިބަޔަކަށް ނުވުމެވެ. އަދި މި ސިސްޓަމަށް އަހުލުވެރި މީހަކު ލައްވައި މަސައްކަތްތައް ނިންމުމުގެ ފުރުޞަތު އޮތުމެވެ. އެހެންކަމުން ކޮލެޓީ މީހުން ތައްޔާރުކުރުމުގެ ބަދަލުގައި ކޮލެޓީނެތް ގިނަބަޔަކު މިވުޖޫދުގައި ގިނަވުމުގެ ފުރުޞަތުވެސް އެބައޮތެވެ. ތެދެކެވެ. މި ކިޔެވުމަކީ ވަރަށްގިނަ ވަގުތުހޭދަކުރަންޖެހޭ ކަމެކެވެ. އޮންލައިންވެގެން ގަޑިތައް ނަގަމުންދާއިރު އޮންލައިންވެފައި ގަޑީގައި ބައިވެރިނުވެވެސް ހުރެދާނެއެވެ. މިފަދަ ކަންކަން ބެލޭނެގޮތްތަކެއް ގިނަފަހަރަކު ނުހުރެއެވެ. އަދި މި މަސައްކަތަކީ ވަރަށް ބައިވަރު ފައިސާ ޚަރަދުކުރަންޖެހޭ ކަމެއްވެސްމެއެވެ. 

ލާރނިންގ މެނޭޖްމަންޓް ސިސްޓަމްގެ ފައިދާތަކަކީކޮބާ؟

ލާރނިންގ މެނޭޖްމަންޓް ސިސްޓަމުގެ ވަރަށްގިނަ ފައިދާތަކެއްވެއެވެ. ފުރަތަމަ ކަމަކަށް އެލް.އެމް.އެސް. މުޅި ތަޢުލީމީ މަސައްކަތްތައް ޒަމާނީކޮށްދެއެވެ. މާކުކުރުން އަވަސްވެފައި ފަސޭހައެވެ. ޚާއްޞަކޮށް އަމިއްލައަށް މާކުކުރެވޭ ކުއިޒުތަކާއި ޓެސްޓްތަކެވެ. މީގެ އިތުރުން މެސެޖުކުރުމާއި، މަސައްކަތް ރާވާލުމާއި، މަސައްކަތްތައް ހުށަހެޅުމާއި އަދި އެލް.އެމް.އެސް. އެހީތެރިކަމާއެކު ނަތީޖާވެސް އެއްތަނަކުން ނިންމާލެވެއެވެ.
ދަރިވަރުން ބައިވެރިކުރުމާއި މޯޓިވޭޓް ކުރުމުގެ ބާރު ނުވަތަ މޮޅުކަން ކުރިއަށްވުރެ މާބޮޑަށް ޓެކްނޮލޮޖީއަށް ލިބިގެންވެއެވެ. ދަރިވަރުންނަށް ފަސޭހަކަމާއެކު ނަގައިގަނެވޭ މިފަދަ އެލް.އެމް.އެސް. ސިސްޓަމެއްގައި ކުދިންގެ ބައިވެރިވުން އިތުރުވުމާއެކު އެކުދިންގެ ނަތީޖާ އިތުރުވެގެން ދެއެވެ. މީގެ ބައެއް ކަންކަމުން ދަރިވަރުންގެ މޯޓިވޭޝަން އިތުރުވެގެން ދެއެވެ. އަދި ކާމިޔާބީތައް އިތުރުވެ އުނގެނުމަކީ އުފާވެރި އަދި މަޖާކަމެއްކަމުގައި ހަދާދެއެވެ.
ޑޭވިޑް ސްމިތް (2014) ހާމަކުރައްވާ ގޮތުގައި ލާރނިންގ މެނޭޖްމަންޓް ސިސްޓަމެއްގައި ދަރިވަރުންގެ ޙަރަކާތްތައް ބެލެންހުރެއެވެ. އެގޮތުން އެކުދިން ލޮގިންގވަނީ ކިހާވަރަކަށްކަމާއި، މަސައްކަތްތައް ނިންމަނީ ކޮންކުދިންނެއްކަން ދެނެގަނެވެއެވެ. ދަރިވަރުންގެ ރެކޯޑްތައް ބެލެހެއްޓުންފަދަ މާނައަކީ ޓެސްޓްތަކުގެ ނަތީޖާތަކާއި، އެފަދަ މަޢުލޫމާތުތައް އަމިއްލައަށް އެއްކުރެވި އެއްތަނެއްގައި ފެންނަން ހުރުމެވެ. އެހެންކަމުން އެއަށްވަދެ އެއެއްޗެހި މުޠާލިޔާ ކުރުމުގެ ފުރުޞަތު އެލް.އެމް.އެސް. ގެ ޒަރީޢާއިން ލިބިގެންދެއެވެ.
ލާރނިންގ މެނޭޖްމަންޓް ސިސްޓަމަކަށް ދުނިޔޭގެ ކޮންމެތަނެއްގައި ހުރެފާވެސް އިންޓަނެޓްގެ ޚިދުމަތް ލިބޭކަމުގައިވާނަމަ ވަދެވިދާނެއެވެ. ޑޭވިޑް ސްމިތް (2014) ހާމަކުރައްވާ ގޮތުގައި ދަރިވަރުންގެ ބައިވެރިވުމާއި މޯޓިވޭޝަން އިތުރުވުމުގެ އިތުރުން އެދަރިވަރުންނަށް އެކުދިންގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ތަކެތި ނުލިބިގެން މަސައްކަތް ނުކުރެވިފައި ހުންނާކަށް ނުޖެހޭނެއެވެ. ޓީޗަރެއްގެ އެހީތެރިކަމާއި ނުލައިވެސް މަސައްކަތް ފުރިހަމަ ކުރުމުގެ ފުރުޞަތު ލިބެއެވެ. ޓީޗަރަކާއި އެއްތަނަކަށްގޮސް ބައްދަލުވުމުގެ ބަދަލުގައި ކުރަންޖެހޭ ސުވާލުތައް އެލް.އެމް.އެސް. މެދުވެރިކޮށް ކުރެވެއެވެ. މީގެ މާނައަކީ ލާރނިންގ މެނޭޖްމަންޓް ސިސްޓަމެއްގައި ޙަޤީޤަތުގައި ދަރިވަރުންނާއި، ޓީޗަރުންގެ ބައިވެރިވުމާއި، މުޢާމަލާތް އިތުރުވެގެން ދެއެވެ. މީގެ ސަބަބުން ދެފަރާތަށްވެސް ފައިދާވެއެވެ. ދަރިވަރުންގެ ބައިވެރިވުން އިތުރު ކޮށްދެއެވެ. މީގެ ސަބަބުން ތަޢުލީމު ކުރިއަރައި ރަނގަޅުވެއެވެ. އަދި ނަތީޖާ ރަނގަޅުވެއެވެ.

ލާރނިންގ މެނޭޖްމަންޓް ސިސްޓަމެއްގެ ބޭނުންތެރިކަން :


ހެމިނާ ޝާހު (2015) ހާމަކުރައްވާ ގޮތުގައި އުނގެނުމުގެ ކަންކަމުގެ ތެރޭގައި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ޓީޗަރުންނާއި ، ދަރިވަރުން އެއްބަޔަކު އަނެއްބަޔަކާއި މުޢާމަލާތުކޮށްއުޅެނީ އޮންލައިން ފޯރަމްތަކުންނާއި، އެފަދަ މަޝްވަރާގެ މާޙައުލުތަކުންނާއި، ވީޑިއޯ ކޮންފަރެންސް ތަކުންނާއި، އީމެއިލް އަދި ޗެޓް ސެޝަންތަކުންނެވެ. މިފަދަ ކަންކަމުން ލާރނިންގ މެނޭޖްމަންޓް ސިސްޓަމުގެ ކޯސް ޑޮކިއުމެންޓްކުރުމާއި، އިދާރީ މަސައްކަތްތަކާއި، އިވެލުއޭޓްކުރުން ދަރިވަރުންނާއި ޓީޗަރުންނަށް އެލް.އެމް.އެސް. ބޭނުންކުރުމުން އިތުރުކޮށްދެއެވެ.

މަރުކަޒީ ފަސޭހަ '' ބައިވެރިވާ '' އުނގެނުން :

§       ފުރަތަމަ ކަމަކަށް ލާރނިންގ މެނޭޖްމަންޓް ސިސްޓަމަކުން މަރުކަޒީ މަޢުލޫމާތާއި ތަޢުލީމް ފޯރުކޮށްދެއެވެ. ތަރައްޤީކުރުމާއި، ތަމްރީނާއި، ޙާސިލްވާ މިންވަރުގެ މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ކޮންމެ ތަނަކުން އަދި ކޮންމެ ވަގުތެއްގައި ލިބެންހުރެއެވެ. މީގެ ސަބަބުން އެއްފަހަރާ އެއްވަގުތެއްގައި ގިނަބަޔަކަށް އުނގެނުމަށް ބޭނުންކުރެވޭ ތަކެތި ލިބެންހުރެއެވެ. ހެމިނާ ޝާހު (2015) ހާމަކުރައްވާ ގޮތުގައި އެލް.އެމް.އެސް. ބޭނުން ކުރަމުން އަންނަ މަރުކަޒަކަށް / ކުންފުންޏަކަށް ބޭނުންވާ މަޢުލޫމާތާއި ތަކެތި ފޯރުކޮށްދިނުމާއި، އަޅާކިޔުމުގައި އެއްގޮތެއްގައި ދެމިތިބުމުގެ ފުރުޞަޠު ލިބެއެވެ.
§       ދެވަނަ ކަމަކަށް ލާރނިންގ މެނޭޖްމަންޓް ސިސްޓަމަކުން އުނގެނުމުގެ އެންމެހާ ކަންކަމެއް ފަސޭހަކޮށް ބޭނުންވާ ފަރާތްތަކުގެ ބޭނުންތަކާއި އެއްގޮތަށް ކުރިއަށް ގެންދެވެއެވެ. ހެމިނާ ޝާހު (2015) ހާމަކުރައްވާ ގޮތުގައި  އެލް.އެމް.އެސް. އަކީ އަލަށް ބޭނުންކުރާ ފަރާތްތަކަށްވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭ އަދި ބޭނުންކުރަމުންދާ ފަރާތްތަކަށްވެސް އާކަންތައްތައް ދަސްވަމުންދާ ގޮތަށް ފަރުމާކުރެވިފައިވާ ސިސްޓަމެކެވެ. އުނގެނެމުންދާ ކޯސް ނުވަތަ މޮޑިއުލްއަށް ބޭނުންވާ ގިނަ ކަންކަންވެސް މީގެ ތެރއިން ކުރެވެން ހުރެއެވެ. އޭގެތެރޭގައި ތަކެތި އެއްކުރުމާއި ރެކޯޑުކުރުމާއި، އެތަކެތީގެ ދައުރުވުން ބެލެހެއްޓެއެވެ. އެލް.އެމް.އެސް. ގެ މިންކުރެވޭ ޕްލެޓްފޯމްތަކުން އެނގެނެމުންދާ މޮޑިއުލްތަކަށް މިހާރުން މިހާރަށް އަދި މުސްތަޤުބަލަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މަގުފަހިވެއެވެ.
§       ތިންވަނަ ކަމަކަށް އެލް.އެމް.އެސް. އަކުން '' ބައިވެރިވާ '' އުނގެނުން ކުރިއަށް ގެންދެވިދާނެއެވެ. ވައިވެރިވާ އުނގެނުމުގެ މާނައަކީ، ގިނަވައްތަރެއްގެ އުނގެނުން އެއްކޮށްލައިގެން އުނގެނުމުގެ ފުރުޞަޠު ލިބުމެވެ. މީގެ ތެރޭގައި އީ-ލާރނިންގއާއި ސިމިއުލޭޝަން ބޭނުންކޮށްގެން އުނގެނުމާއި، ކުލާސްރޫމްގައި އުނގެނުން ހިމެނެއެވެ. މީގެ ސަބަބކީ އެލް.އެމް.އެސް އަކީ މަރުކަޒީގޮތުން ބޭނުންވާ އެންމެހައި ތަކެއްޗާއި މޮޑިއުލްތަކުގެ މައިހަބެވެ
  

ފުރިހަމަ އުނގެނުމަކަށް ޓެކްނޮލޮޖީގެ ފައިދާތައް :

ތަޢުލީމުގައިވެސް ދަރިވަރުންނާއި، ޓީޗަރުން ޓެކްނޮލޮޖީ ބޭނުން ކުރުން މިއަންނަނީ އިތުރުވަމުންނެވެ. މީގައި ތަފާތު ސަބަބުތަކެއްވެއެވެ. ޓެކްނޮލޮޖީން އުނގެނުމަށް ބޭނުންވާ ސާމާނާއި ‏ގޮތްތައް އަގުހެޔޮކޮށް ރަނގަޅު އެކަށީގެންވާ ނަތީޖާ ނެރެދެއެވެ. އެލް.އެމް.އެސް. އަކަށް ޓެކްނޮލޮޖީގެ ސަބަބުން ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން ތަޢުލީމީ މަރުކަޒުތަކާއި ތަފާތު އޯގަނައިޒޭޝަން ތަކަށްވެސް ފައިދާއެވެ. ހެމިނާ ޝާހު (2015) ހާމަކުރައްވާ ގޮތުގައި އެލް.އެމް.އެސް.އާއި ޓެކްނޮލޮޖީ އެއްކޮށްލުމުން އާންމުންގެ މެދުގައި އެ އޯގަނައިޒޭޝަނަކީ ޓެކްނޮލޮޖީގެ ފަސޭހަވާ އަދި ދަރިވަރުންނަށް ކިޔެވުމަށް ފަސޭހަ އޯގަނައިޒޭޝަނެއްގެ ގޮތުގައި މީހުންގެ މެދުގައި މަޝްހޫރުވެއެވެ. މީގެ ސަބަބުން އެތަކެއް މީހުންގެ ސަމާލުކަން ދަމައިގަނެވެއެވެ.

އޮގަނައިޒޭޝަނަލް ޓެކްނޮލޮޖީގެ ފައިދާތައް :

§       ހެމިނާ ޝާހު (2015) ހާމަކުރައްވާ ގޮތުގައި ޖޯގްރަފީގޮތުން ވަކިން އުނގެނުމުން މުވައްޒަފުންނަށް އެމީހުން އުނގެނުމަށް ބޭނުންކުރާ އެކައުންޓްތަކުން ކޮންމެތަނަކުން ކޮންމެ ވަގުތަކު ވަދެވިދާނެއެވެ. މީގެ ސަބަބުން ޕްރޮޑަކްޓިވިޓީ އިތުރުވެއެވެ. އަދި ގެއްލިގެންދާ ވަގުތު ސަލާމަތްކޮށް މަދުކުރެވެއެވެ. މިދެކަމުގެ ސަބަބުން އެ އޯގަނައިޒޭޝަންގެ ފައިދާ އިތުރުވެގެން ދެއެވެ.
§       އިޖުތިމާޢީ އުނގެނުން ( ސޯޝަލްލާރނިންގ ) އިތުރުވެއެވެ. މީގެ ސަބަބަކީ މިފަދަ އެލް.އެމް.އެސް. އެއް ޑިޒައިން ކުރެވިފައިވަނީ ސޯޝަލް ލާރނިންގ ގެ ބައިތައް މިސާލަކަށް ؛ ޓްވިޓަރ އަދި ފޭސްބުކް ފަދަ އެޕްލިކޭޝަންތައް މުޢާމަލާތު ބޭނުން ކުރެއެވެ. ބްލޮގްތަކާއި، ވީޑިއޯ އަދި ލިންކްތައް މި ސިސްޓަމަށް އިތުރުކުރެވެއެވެ. މީގެ ސަބަބުން ދަރިވަރުންގެ ރިސޯސްތައް އިތުރުވެ ގުޅިގެން ކިޔެވުމާއި، އުނގެނުމުގެ ކަންކަން ފަހިވެގެންދާނެއެވެ.
§       ބައިވެރިވާ އުނގެނުން އިތުރުވެއެވެ. ސަބަބަކީ ލެސަން / ގަޑިތަކުގެ މިނިވަންކަމާއި، ކޮންޓްރޯލްގެ ބޮޑުބައި އޮންނަނީ ދަރިވަރުންގެ އަތުގައެވެ. މީގެ ސަބަބުން އެކުދިންގެ އަމިއްލަ ފުރުޞަތުގައި މަސައްކަތްކުރުމުގެ ފުރުޞަތު ލިބި ނިންމަންޖެހޭ މަސައްކަތްތަކަށް ސަމާލުކަންދެވެއެވެ.

އިވެލުއޭޝަނުގައި ބޭނުންކުރާ އާލާތްތައް :

އެލް.އެސް.އެމް. ތަކުން ޙާޞިލްވާ މިންވަރު ބެލެއެވެ. މިކަމަށް ކާމިޔާބުކަމާއެކު ބަލައި ރެކޯޑްކުރެވޭ އާލާތްތަކާއި ތަފާތު އެޕްލިކޭޝަންތައް ބޭނުންކުރެވެއެވެ. ދަރިވަރުން ކުރިއަރަމުންދާ މިންވަރުބަލައި ރެކޯޑްކޮށް އަދި އިވެލުއޭޓްކުރެވެއެވެ. މީގެ ތެރޭގައި ފެންނަ މައްސަލަތައް ވީއެންމެ އަވަހަކަށް ޙައްލުކުރުމަށް އެހީތެރިވެދެއެވެ.
އެ އޯގަނައިޒޭޝަނަކަށް ކުރިއެރުން ބޭނުންވާ ދާއިރާތަކަށް ވަގުތީގޮތުން އަޅާލައި ދަރިވަރުންނަށް މި ސިސްޓަމްގެ ތެރެއިން ފައިދާ ހޯދާދެވެއެވެ. ހެމިނާ ޝާހު (2015) ހާމަކުރައްވާ ގޮތުގައި ކޯހުގައި ދަރިވަރު ބައިވެރިވުމުގެ ކުރިންނާއި، ކޯހުގައި ދަރިވަރު ކުރިއަށްދާއިރު އަދި ކޯސް ނިންމުމުގެ ފަހުންވިޔަސް ތަފާތު އިވެލުއޭޝަން ޓޫލްސްތައް އެލް.އެމް.އެސް. ގައި ބޭނުންކުރެވެއެވެ.

ނިންމުން :

ލާރނިންގ މެނޭޖްމަންޓް ސިސްޓަމްއަކީ ކިޔަވާ ދަރިވަރުންނަށާއި އެހެނިހެން މަސައްކަތްތައް ކުރަމުން އަންނަފަރާތްތަކަށް ވަރަށް މުހިންމުއެއްޗެކެވެ. އެގޮތުން މިދިވެހިރާއްޖެއަށް ބަލައިލިނަމަވެސް މިކަން އެނގިގެންދެއެވެ. ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ 2012 ވަނަ އަހަރުގެ އަހަރު ރިޕޯޓްގައި ފާހަގަކުރައްވާފައިވާ ގޮތުން އެން. ސީ. އެން. ނޭޝަނަލް ކޮންޕިއުޓަރ ނެޓްވޯކާއި، ޖެމްސް ގަވަރމެންޓް އީ-ލެޓަރ މެނޭޖްމަންޓްސްއާއި، އީ- ސްކޫލާއި،  އީ- ކައުންސިލާއި، އައި. ޓެޑް ސްކޫލް އިނޮވޭޓިވް ޓެކްނޮލޮޖީ އިން އެޑިއުކޭޝަން ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ޕްރޮގުރާމްތަކަކީ ރާއްޖޭގައި ވަރަށް ފަޚުރުވެރިކަމާއެކު ބޭނުންކުރަމުންދާ ޕްރޮގުރާމްތަކެވެ. އަދި ޚާއްޞަކޮށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބޭނުންކުރަމުންދާ ޖެމްސް ސިސްޓަމްއާއި، ވިލާ ކޮލެޖުގައި ބޭނުންކުރަމުންދާ ޖެމްސް ސިސްޓަމް ފާހަގަކުރެވެއެވެ. އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތަކީ ކުށަކަށް ނުވާނަމަ އެ ދެތަނުގައިވެސް ބޭނުން ކުރަމުންދަނީ، މޫޑްލްސް އާއި ބްލެކްބޯރޑް ފަދަ ސޮފްޓްވެއަރއެއް ބޭނުންކޮށްގެން ހަދާފައިވާ ސިސްޓަމެކެވެ. މި ދިވެހިރާއްޖޭގެ ތަޢުލީމު އުނގެނުމުގެ ބޮޑުބައެއް މިހާރު ޙިއްސާކުރަމުންދަނީ ލާރނިންގ މެނޭޖްމަންޓް ސިސްޓަމް ބޭނުންކޮށްގެން އުނގެނޭ އުނގެނުމުގެ މައްޗަށްކަން ޔަޤީނެވެ.
17 ނޮވެމްބަރ 2015

ރިފަރެންސް ލިސްޓް :


 


1.    Ferriman, j. (2015). Learning and collabration blog. History of the LMS.
2.    Shah, H. (2015). Range of evaluation tools. Why Α Learning Management System Is Useful.
3.    Smith, D. (2014). Why are the benefits of a learning management system? What is a learning management system (LMS).
1. އެންއައިސީޓީ (2012). 2012 ވަނަ އަހަރުގެ އަހަރު ރިޕޯޓް. ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ. 



14 comments:

  1. މަރުޙަބާ! މިގޮތުގައި އަބަދުވެސް ކުރިއަށްދާން މަސައްކަތްކުރަންވާނެ!ވަރަށް ފުރިހަމަ އާރޓިކަލްއެއްކަން ފާހަގަކުރަމެެ.

    ReplyDelete
  2. ބަސްމަގު ފުރިހަމަ ، ވަޒަން ބަހުރުވަ ، ދެބަސް އެއްކޮށްލައިގެން ލިޔެފައިވާ ފުރިހަމަ އާޓިކަލެއް.................ސަޅި.

    ReplyDelete
  3. ވަރަށް ފުރިހަމަ މަލޫމާތު މުއްސަދި ރީތި ލިޔުމެއް

    ReplyDelete
  4. ޖުމްލަގޮތެއގައި ވަރަށް ރަނގަޅު މަޢުލޫމާތު މުއްސަނދި އާރޓިކަލް އެއްކަން ފާހަގަކުރެވެއެވެ.ލޮގިންތައް ގެނައިއިރު ކޮންމެލޮގިންއެއް ވަކިހެޑިންއަކަށް ހެދުމުގެ ބަދަލުގައި ލޮްިންގެދަށުން ޕެރެގްރާފް ތަކަކަށް ބަހާލައިގެން އެގިންތައް ގެނެވުންނަމަ އަދި އިތުރު ފުރިހަމަކަމެއް އައިހެވެ.

    ReplyDelete
  5. ماشاءالله! ވ.ރަނގަޅު މަސައްކަތެއް!މައުޟޫޢަށް ވަރަށް ފުންކޮށް ބައްލަވާލައްވާފައިވޭ، އަދި ލޭއައުޓްވެސް ވަރަށް ފުރިހަމަ އަދި އެހާމެރީތި! ކިޔަވާކުދިންނަށް މުހިއްމު މަޢުލޫމާތުތަކެއް ލިބޭނެ ލިޔުމެއްކަމަށް ޤަބޫލުކުރެވޭ، مرحبا!

    ReplyDelete
  6. މާޝާﷲ. ވަރަށް ފުރިހަމަ. ވަރަށްގިނަ މަޢުލޫމާތުތަކެއް ލިބިޭ ވަރަށްކިޔާހިއްވާ ކަހަލަ ލިޔުމެއް.

    ReplyDelete
  7. ވަރަށް ފުރިހަމަ އާރޓިކަލްއެއް. ލިޔެފައިވާ ލިޔުމާ ގުޅޭ ފުރިހަމަ ފޮޓޯތަކެއް ހިމަނައިފައި ހުރުމުން މަޢޫލޫމާތު ވަރަށް ފުރިހަމަަށް ދޭހެވޭ!

    ReplyDelete
  8. ވަރަށް ފުރިހަމަ އާރޓިކަލްއެއް. ލިޔެފައިވާ ލިޔުމާ ގުޅޭ ފުރިހަމަ ފޮޓޯތަކެއް ހިމަނައިފައި ހުރުމުން މަޢޫލޫމާތު ވަރަށް ފުރިހަމަަށް ދޭހެވޭ!

    ReplyDelete
  9. ވަރަށް އުފާވެއްޖެ! ވަރަށް ފުރިހަމަ ލިޔުމެއް! އިތުރަށް އެޓޭޗް ކުރެވިފައިވާ ފޮޓޯތަކުގެ ސަބަބުން އިތުރަށް ފުރިހަކުރުވާ.

    ReplyDelete
  10. މައުޟޫއާ ބެހޭގޮތުން ވަރަށް ގިނަ މަޢުލޫމާތު ލިބޭނެ އާޓިކަންލއެއް... ماشاءالله!

    ReplyDelete
  11. މިލިޔުން ކިޔާލުމުން ލާނިންގ މެނޭޖުމަންޓެއްގައި ހިމެނޭ ބައިތަކާއި ލާނިންގ މެނޭޖުމަންޓެއްގައެ ފައިދާއާއި ގެއްލުން އެގިގެން ހިގައްޖެއެވެ.

    ReplyDelete
  12. މިލިޔުން ކިޔާލުމުން ލާނިންގ މެނޭޖުމަންޓެއްގައި ހިމެނޭ ބައިތަކާއި ލާނިންގ މެނޭޖުމަންޓެއްގައެ ފައިދާއާއި ގެއްލުން އެގިގެން ހިގައްޖެއެވެ.

    ReplyDelete
  13. ވަރަށް ފުރިހަމަ މަޢުލޫމާތު މުއްސަނދި ލިޔުމެއް

    ReplyDelete
  14. ވަރަށް ފުރިހަމަ. ލިޔުންގަނޑުގެ ތެރޭގައި ހަވާލާދީ ލިންކް ކޮށްފައި ހުރުމުން ވަރަށް ފަސޭހަވި.

    ReplyDelete